އަނބިމީހާއަށް 15،000 ރުފިޔާ ދީފައި، ކޮފީތަކަށް ދުވާލަކަށް 1،000 ރުފިޔާ ހަރަދުކުރުމުން އަތުގައި އެއްވެސް އެއްޗެއް ނޯންނަ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ކަނޑާލަން، ރައީސުލްޖުމްހޫރއިްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ މަޖިލީހަށް ހޮވުމުގެ ކުރިން ވެސް އުޅުނީ މަޖިލީހުން ދޭ މުސާރައަކުން ނޫން ކަމަށާއި އިންޝުއަރަންސާއި ރައްކާތެރިކަމާއި ހިމާޔަތް ނުލިބުނަސް ހެޔޮ ކަމަށެވެ.
އެންމެ ނިކަމެތި ހާލުގައި ވެސް އުޅެވޭނެ ކަމަށާއި އެހެންވީމާ ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިނާޔަތެއް ކަނޑާލަން އޮތިއްޔާ ކަނޑާލަން އިސްލާހު ހުށަހަޅަންވީ ކަމަށާއި އެކަމަށް 100 ޕަސަންޓު ތާއީދުކުރައްވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ލިބެނީ 79،600 ވަރަކަށް ރުފިޔާ، 82،500 ރުފިޔާ، ޓެކްސްއަށް ކަނޑާފައި. އަޅުގަނޑުމެން ގޭގެ ރެންޓަށް 25،000 ރުފިޔާ ދައްކާފައި، އެއް އަނބި ހުރިއްޔާ އެ އަނބިމީހާއަށް 15،000 ރުފިޔާ ދީފައި، ދެން ކޮންމެ ދުވަހަކު ކޮފީއަށް 500 ރުފިޔާ، 1000 ރުފިޔާ ދިޔައީމާ އަތަކު ނޯވޭ އެކައްޗެއް ވެސް،“ އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ވެސް ކުޑަކޮށް، އިނާޔަތްތައް ވެސް ކުޑަކުރަންވީ ކަމަށާއި އެކައްޗެއް ނުދިނަސް ހެޔޮ ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ ހައްގަށްޓަކައި ރައްޔިތުން އިންތިހާބުކުރި ފަސް އަހަރު މަޖިލީހުގައި އިންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަޖެޓު ހުށަހެޅި އިރު، ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދޭ އިނާޔަތްތައް ކުޑަކޮށްފައިވާ ކަމަށާއި އަދިވެސް ކުޑަކޮށް، އަދިވެސް ”ކޮށާލަންވީ ރަނގަޅަށް ހެޔޮވަރަކަށް،“ ކަމަށް އައްބާސް ވިދާޅުވިއެވެ.
”ގައުމަށް ހިދުމަތްނުކުރައްވާ ބޭފުޅުންނަކަށް، ގައުމުން ބޭރުގައި ދިރިއުޅުއްވާ ބޭފުޅުންނަކަށް އެކައްޗެއް ވެސް ދެއްވާނެ ކަމެއް ނެތް. ކީއްކުރަން ދޭންވީ،“ އޭނާ ވިދާޅުވިއެވެ.




ގުޅުންހުރި
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ
އަތޮޅު ކައުންސިލުތައް އުވާލަން މަޖިލީހުން ފާސްކޮށްފި
ޖަނަވާރަކަށް އަނިޔާއެއް ކޮށްފިނަމަ 50,000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލު