’ޑިޓްވާ‘ ތޫފާންގެ ސަބަބުން ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެތައް ބަޔަކު މަރުވެ، ލިބިފައިވާ ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގެ ރައްޔިތުންނަށް މި އެހީ ދިނުމަށް މި ނިންމީ، ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މި އުނދަގޫ ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ހަވާލާދީ އެ ބަޔާނުގައި ބުންޏެވެ.
”އަދި ރާއްޖެއިން އުއްމީދުކުރަނީ މި ފޯރުކޮށްދިން އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރަކަށް ލުއިކަމެއް ލިބޭނެ ކަމަށެވެ،“ އެ ބަޔާނުގައި މިނިސްޓަރު ވިދާޅުވި އެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 69 މީހަކު މަރުވެފައި ވާއިރު، މިހާތަނަށް 34 މީހަކު އެ ހާދިސާގައި ވަނީ ގެއްލިފަ އެވެ.




ގުޅުންހުރި
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު