އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހާމަކުރައްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ މަގާމުން މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
”މި ޕާޓީގެ ލީޑާޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދެން،“ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން މީކާއިލް އެކްސްގައި ވިދާޅުވި އެވެ.
މީކާއިލް ޥަނީ މިދިޔަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ދިފާއުކުރައްވައި، ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ. އަދި އޭނާއަކީ އެމްޑީޕީގެ ފަރާތުން މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައި އިންތިހާބުވި އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ތެރެއިން އެކަކެވެ.



