ޑިސެމްބަރ 1, 2025

ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް ފެނުނު

ހަށި ވިއްކަން ތިބި ބަޔަކު ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާ ޓަވަރުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށި ވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި ޑުރަގް ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު/ ކިއުބާ، ހުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުން ކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ)، ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ)، ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އަދި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ.

ފުލުހުން ބުނީ، މި ފަސް މީހުން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިން ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެޕާޓްމަންޓް ބަލައިފާސްކުރި އިރު، 19،100 އަށްވުުރެ އެމެރިކާ ޑޮލަރާއި 18،000 ރުފިޔާ އަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.