ޑިސެމްބަރ 1, 2025

ކުރީގެ ނައިބު ރައީސުންނަށް މަހަކު 30،000 ރުފިޔާގެ އިނާޔަތެއް ދޭން ފާސްކޮށްފި

ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން އިނާޔަތް ދޭން, ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.

އެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވަނީ ކުރީގެ ނައިބު ރައީސުންނަށް ކޮންމެ މަހަކު ދައުލަތުން 25،000 ރުފިޔާގެ އިނާޔަތެއް ދިނުމަށާއި އެ ބޭފުޅުންނަށް ވެސް ރާއްޖެ އާއި ބޭރު ގައުމުތަކުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީން ބިލު ދިރާސާކޮށް ފާސްކުރީ އެ އަދަދު 30،000 ރުފިޔާއަށް ބޮޑުކޮށްގެންނެވެ.

ނަމަވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ބަލާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކޮށްފައިވާ ނަމަ ކަމަށް އިސްލާހުގައިވެ އެވެ

އެ އުސޫލުން ބަލާއިރު، ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސަކީ ފައިސަލްއެވެ. އިތުރު އެހެން ބޭފުޅަކަށް ނައިބު ރައީސްކަމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވިފައެއް ނުވެ އެވެ.

މީގެއިތުރުން ރާއްޖެއިންނާއި ރާއްޖޭން ބޭރުން ދަައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް، ނައިބުރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ބިލުގައިވެ އެވެ.

ނަަމަވެސް ނައިބުކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކި ވުމަށްފަހު، އިންތިހާބު ކުރެވޭ، ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި އެ މާލީ އިނާޔަތްދިނުން މެދުކެނޑޭނެ ކަަމަށްވެސް ބުނެފައިވެެ އެވެ.