ޑިސެމްބަރ 2, 2025

އެސްޓީއޯއިން ބާޒާރުމައްޗަށް ހާއްސަ ހޯލްސޭލް ސެންޓަރެއް ހުޅުވައިފި

އެސްޓީއޯއިން ”އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު 2“ ގެ ނަމުގައި ބާޒާރުމަތީގައި އާ ފިހާރައެއް ހުޅުވައިފިއެވެ.

އެސްޓީއޯއިން މިއަދު ހުޅުވި އެ ފިހާރަ ހުންނަނީ ކުރީގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، މަލޭ ނޯތު ހާބަރު ގޭޓް ސަރަހައްދުގައެވެ.

އެސްޓީއޯއިން ވަނީ މިދިޔަ އޮކްޓޯބަރު 15 އިން ފެށިގެން، ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެންދިޔަ 23 ބާވަތް ބާޒާރަށް ނެރެ ވިއްކަން ފަށައިފައެވެ.

އެ ހުރިހާ ބާވަތެއް އެސްޓީއޯއިން މާލޭ ސަރައްދުގައި ގާއިމުކޮށްވާ ދެ ފިހާރަ ކަމުގައިވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް އައީ މެދުނުކެނޑި ފޯރުކޮށްދެމުންނެވެ. އަދި މިއަދު ”އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަރު 2“ ހުޅުވާފައިވަނީ އެ އޮޕަރޭޝަން އިތުރަށް ފުޅާކުރުމުގެ މަގުސަދުގައެވެ.

އެސްޓީއޯއިން ބުނީ އެ ފިހާރަ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެސްޓީއޯއިން ވިއްކާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ފޯރުކޮށްދިނުމާއި، މާލެއިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް އެ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

އެ ފިހާރަ ހުޅުވިގެން ދިއުމާއެކު، ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް އެ މަސައްކަތުން ނަފާ ހޯދޭނެ މަގުވެސް ފަހިވެގެންދާނެއެވެ. އެގޮތުން އެ ފިހާރަ މެދުވެރިކޮށް އެސްޓީއޯއިން ދަނޑުވެރީން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އޭގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތްކުން އުފައްދާ ބާވަތްތައް ވިއްކޭނޭކަމުގެ ޔަގީންކަން ލިބި، މަސައްކަތް އިތުރަށް ކުރިއަށްގެންދިއުމަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. .

ކުރިއަށް އޮތްތާނގައިވެސް، އެސްޓީއޯގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމުގެ އަމާޒާއެކު، ގްރޭޓާ މާލޭ އޭރިއާގައި މިހާރު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި އެސްޓޯއޯގެ އައުޓްލެޓެއް، އަވަސް މުސްތަގުބަލެއްގައި ހުޅުވުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެއާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު އެސްޓީއޯއިން ވިއްކާ މުދާތައް ލިބުމުގެ މަގުފަހިވެގެންދާނެ ކަމަށް އެސްޓީއޯއިން ދެކެއެވެ.