ޑިސެމްބަރ 5, 2025

އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ 

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކުން ހައްޔަރުކުރި އިސް ފަރާތްތަކުގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށްގެންދާ ”އޮޕަރޭޝަން އަލިމަގު“ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާން، ހާފިޒް ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުހައްމަދު (23އ) އެވެ.

ފުލުހުން ބުނީ އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މިއަހަރު މާޗް މަހުން ފެށިގެން ކަމަށާއި އެ ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމާއި ހާފިޒް ފައުޒީ އަދި އިބްރާހީމް ސިރާޖުގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށާއި ކަމަށާއި ހަސަން އަލްފާފް އާއި އަމީން މުހައްމަދުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.