ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ، މާފަންނު ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ހިއްސާކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.
އޭނާގެ ވާހަކައިގައި ބުނީ ވާނުވާ ބަންދުގެ މައްސަލަ ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް، އެ މަނިކުފާނު އެ ވައުދު ފުއްދަވާފައިނުވާ ކަމަށެވެ. އަދި ވާނުވާ ބަންދު އުވާލުމަކީ ރައީސަށް ފަސް މިނެޓު ތެރޭގައި ކޮށްލެވޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު، ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ އިމާރާތް ހުރީ ވީރާނާވެފައި ކަމަށާއި އެހެންކަމުން އެ ދެ ކޯޓަށް މިހާރު އިމާރާތެއް ހަމަޖެއްސުމާއެކު ޝަރީއަތްތައް ވެސް އަވަސްވެގެން ގޮސްފައިވާ ކަމަށެވެ.
”ކޯޓް ކޭސްތައް ތާވަލުކުރެވިގެން ދުވަސް ނޭނގި، ވާނެ ގޮތެއް ނޭނގި، މިކަން ނިންމަކަށް ގެނެސް، ވާގޮތް އެނގި، މާދަން ތިމަންނައަށް ތާވަލުވާކަން ނޫނީ މި އަންނަ ދުވަހަކު ތިމަންނަގެ މައްސަލަ ތާވަލުވާކަން އެނގޭ ހިސާބަށް ސަރުކާރުން އެ އޮތީ ގެންގޮސްދީފައި،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޝަރީއަތް ނިމެންދެން މިވަގުތު ބަންދުގައި ތިބީ 347 މީހުން ކަމަށާއި އެމީހުން ބަންދުގައި ތިބީ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ޓްރެފިކިންގެ މައްސަލަތައް އަދި މަނީލޯންޑަރިން އާއި ވައްކަމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުމާއި ކިޑްނެޕް ކުރުމާއި ޑޮމެސްޓިކް ވަޔަލަންސްގެ މައްސަލަތަކުގައި ކަމަށެވެ.
”މީގެ ތެރޭގައި މަރުގެ މައްސަލަ، މީހުން މަރާފައި ހުރި ކަމުގެ ތުހުމަތުގައި 29 މީހުން އެބަތިބި ބަންދުކޮށްފައި. ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހުން ބަންދުކޮށްފައި އެބަތިބި. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި 117 މީހުން އެބަތިބި. މާރާމާރީ ހިންގުމުގެ މައްސަލައިގައި 70 މީހަކު އެބަތިބި. ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި 16 މީހުން ބަންދުގައި އެބަތިބި،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ފަސް މިނެޓުން ވިިޔަސް އަދި އެންމެ ސިކުންތަކުން ދޫކޮށްލެވުނެއޭ ވިދާޅުވިޔަސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ހިންގާފައިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހެއް، މާރާމާރީ ނޫނީ މަރުގެ މައްސަލައެއްގައި ހިމެނޭ މީހެއް، ޑްރަގު ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރުމަކީ އެ މަނިކުފާނު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެކަމެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
އެއް ކޮޓަރީ ފުލެޓު މައްސަލައިގައި ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
”ވާނުވާ“ގައި ތިބީ ބޮޑެތި ކުށްތަކުގެ މީހުން، އެމީހުން ދޫކޮށްލާކަށް ނުވާނެ: ރައީސް
ރައީސް މާދަމާ ރޭ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ
ޕްލާސްޓިކް ކުދި ފެންފުޅި މަނާވާ ތާރީހު ތިންވަނަ ފަހަރަށް ފަސްކޮށްފި
މިއަހަރު ޔޫކޭއަށް ކުރެއްވި ތިންވަނަ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ދެ ގުނަ ބޮޑު ޑްރެޖަރުން ރަސްމާލެ ހިއްކަން ފަށައިފި