ހަ މަސްދުވަހުގެ ތެރޭގައި ހަތަރު ލައްކަ ރުފިޔާގެ ދަަރަންޏެއް ދެއްކުމަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ މައްޗަށް ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު ބެއްލެވި އެ މައްސަލައަކީ އަޝްފާގު އިމާރާތެއް ކުރުމަށް ކުރިން އޭނާ ކުޅުނު ވީބީ ސްޕޯޓްސް ކްލަބުން ގެރެންޓީދީގެން ޔޫމެޓް ކޮންސްޓްރަކްޝަނާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެޓުން ކުރި ދައުވާއެކެވެ.
އެ މައްސަލައިގައި މީގެ ކުރިން ހުކުމްކޮށްފައިވަނީ، 2015 ވަނަ އަހަރުގެ ނޮވެމްބަރު 19 އިން ފެށިގެން 1،451،225.30 (1.4 މިލިއަން) ރުފިޔާ ހަ މަސް ދުވަސްތެރޭގައި ދައްކައި ހަލާސްކުރުމަށެވެ. އެ މައްސަލައިގެ ޝަރީއަތަށް ވީބީ ސްޕޯޓްސް ހާޒިރުވެފައިނުވާތީ، މައްސަލަ ކުރިއަށްގެންގޮސްފައިވަނީ އެ ކްލަބުގެ ޣައިރު ހާޒިރުގައެވެ. އެ މައްސަލައިގައި އަޝްފާގު ހާޒިރުވިއެވެ.
ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން ޔޫމެޓަށް މިހާތަނަށް ފައިސާ ދައްކަމުން ގޮސްފައިވަނީ އަޝްފާގު އެކަންޏެވެ. އެގޮތުން ކޯޓުން ބޭރުން އަޝްފާގު އެއް މިލިއަން ރުފިޔާގެ އަދަދެއް ޔޫމެޓަށް ދައްކާފައިވާ ކަމަށާއި އެ ދަރަނީގެ ތެރެއިން ނިލިބި އޮތީ، 451،225.33 ރުފިޔާކަން ޔޫމެޓުގެ ބަހުން އެނގޭ ކަމަށް ހުކުމުގައިވެއެވެ.
އަޝްފާގުގެ ފަރާތުން ބުނެފައިވަނީ، އެ ހަތަރު ލައްކަ ރުފިޔާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދޭ ކަމަށާއި އެ ފައިސާ ވެސް ދައްކާނީ އޭނާ އަމިއްލައަށް ކަމަށެވެ. އަދި އިތުރު އަޑުއެހުމެއް ބޭއްވުމެއް ނެތި ހުކުމް ލިޔުމުން ހިއްސާކޮށްދިނުމަށް އެދޭ ކަމަށް އަޝްފާގުގެ ފަރާތުން ބުނެފައިވެއެވެ.
ނަމަވެސް ޔޫމެޓުގެ ފަރާތުން ބުނެފައިވަނީ އެ ކުންފުނިން ބޭނުންވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އަޝްފާގުގެ ނަމުގައި ހުރި މުދާތައް ވިއްކައިގެން އެ ދަރަނީގެ ފައިސާ ވީހާވެސް އަވަހަށް ލިބިދިނުމަށް ކަމަށާއި މައްސަލައިގައި ޝަރީއަތުން ގޮތެއް ނިންމައިދިނުމަށް އެދޭ ކަމަށެވެ.
ޔޫމެޓުން އެގޮތަށް އެދުނު ނަމަވެސް، ގާޒީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަޝްފާގު މާލީ ހާލަތު ކޯޓުން ބެލި އިރު، ދަރަނި ދެއްކުމުގެ މާލީ ތަނަވަސްކަން ހުރިކަން އެނގޭ ކަމަށާއި ދަރަންޏެއް ސާބިތުވެ އޮއްވައި، އެމީހެއްގެ ނަމުގައި ހުރި އުޅަނދުތަކާއި ގޯތި އެހެން ފަރާތަކަށް ބަދަލުކުރުމަކީ މިހާރު ރާއްޖޭގެ ގާނޫނީ ނިޒާމު ތަރުތީބުކުރެވިފައިވާ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަޝްފާގުގެ ފަރާތުން ދަރަނީގެ ބޮޑުބައެއް ދައްކާވާތީ އާއި ދަރަނީގައި މިހާރު ނުދައްކައި ވަނީ ހަތަރު ލައްކަ ރުފިޔާ ކަމުގައިވާތީ، އެ ފައިސާ ދެއްކުމަށް އަޝްފާގު ހުށަހަޅާފައިވާގޮތަކީ އެ މަައްސަލައާ ގުޅިގެން އަޝްފާގުގެ މުދާ ކޯޓުން ވިއްކުމުގެ އިޖުރާއަތު ކޯޓުން ހިންގައިގެން އަރަނިވެރިޔާއަށް ލިބެންޖެހޭ ފައިސާ ހޯދައިދިނުމަށް ބަލާ އިރު، އަވަހަށް ފައިދާ ދެއކްޭނެ ހުށަހެޅުމެއް ކަމުގައި ދެކޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ މައްސަލައިގައި ހުކުމް ކުރައްވަމުން ގާޒީ ވިދާޅުވީ މިހާރު ނުދައްކައިވާ 451،225.33 ރުފިޔާ ޔޫމެޓަށް ލިބިދިނުމުގެ ގޮތުން މިމަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި (2026 ޖޫން މަހުގެ ނިޔަލަށް) ސިވިލް ކޯޓަށް ފައިސާ ދައްކައި ހަލާސްކުރުމަށް އަޝްފާގާއި ވީބީ ސްޕޯޓްސް ކްލަބަށް އަންގައި، ވީބީ ސްޕޯޓްސް ކްލަބުގެ ޣައިރު ހާޒިރުގައި ހުކުމްކުރާ ކަމަށެވެ.




ގުޅުންހުރި
ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3
ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް
ޗެނަލް 13ގެ ކުރީގެ ސީއޯއޯ ސަމާހު، ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން