ހުޅުމާލޭ ގެސްޓްހައުސްއެއް ތެރޭ މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ ޑްރަގު ނަގައިފިއެވެ.
ފުލުހުން މިރޭ ބުނީ މިދިޔަ އާދީއްތަ ދުވަހުގެ 12:57 ހާއިރު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށާއި އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެ ދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާ ކަމަށާއި އަދި އެމީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާ އިރު، އެ ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދައި، ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު މިދިޔަ އަންގާރަ ދުވަހުގެރޭ ނަގާފައިވާ ކަމަށެވެ.
އެމީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށާއި އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން ކަމަށެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާ އިރު، އެ ތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވަނީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި، އެ މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، އެ މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށާއި އެކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދިއުމާއެކު ކަމަށެވެ.
އަަދި އެ މަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް
ކައުންސިލަރު ނަހުލާ، އެގްރިމަންޓު ލިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން