ޑިސެމްބަރ 21, 2025

ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށް ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ރސ. 10367/ މާލެ، ހަސަން އަނަސް (22އ) އާއި އަތަގަސްދޮށުގެ/ ދޫޑިގަން. ޏ. ފުވައްމުލައް، މޫސާ ޝަހީމް (22އ) އާއި އާވެލި/ ބ. ގޮއިދޫ، ހުސައިން ޝަރުވާން (25އ) އަދި ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއި (21އ) އެވެ.

ފުލުހުން ބުނީ، މި މީހުން ހައްޔަރުކުރީ ޑުރަގް ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން 377.39 ގްރާމްގެ ޑުރަގް ފެނުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް އަށް 15 ދުވަސް، ޝަހީމް އާއި ޝަރުވާން އަށް ފަސް ދުވަސް އަދި ނިޝާ ރައި އަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފަ އެވެ.