ޑިސެމްބަރ 22, 2025

ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ ހިޔާ އަށްވަނަ ޓަވަރު އެޕާޓްމަންޓެއްގައި އަޑުގަދަ ކުރާކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ އެޕާޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެއިންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަނޑު ފުންކޮށް ކަފައިގެން ގޮސް، މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.