ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފުލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުނަދޫ އެއާޕޯޓުގައި މިރޭ އެ ހިދުމަތް ފެށުމާއެކު ރޭގަނޑު ފުލައިޓު ނުޖެއްސޭ އެއްވެސް އެއާޕޯޓެއް މިހާރު ރާއްޖޭގައި ނޯންނާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފުލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް މިއަދަކީ ފާހަގަކޮށްލެވޭ ތާރީހީ ދުވަހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ގައުމީ މުހިންމު އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލުވެވުނީ އެ މަނިކުފާނު މެދުކެނޑުމެއްނެތި ދެއްވެވި އިރުޝާދާއި އެއްބާރުލުމާ އެކުގައި ކަމަށެވެ.
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ފުލައިޓު ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވެސް މީގެ ކުރިން ވަނީ ދެއްވައިފައެވެ.



