ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައި ދިނުމަށް ނިންމާފައިވާތީ, އެކަމަށް ކުރިމަތިލާން ރ. އަތޮޅު ކައުންސިލްތަކުން އިއުލާންކޮށްފި އެވެ.
ރ. ދުވާފަރު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ, ހެޔޮއެދޭ އަމިއްލަ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހައްޖަށް ގެންދާ ޖަމާއަތަށް ދައްކަންޖެހޭ ފައިސާ އެ ބޭފުޅާގެ ހަރަދުގައި ހަމަޖެއްސުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ފުރުސަތު ހުޅުވާލެވިފައިވަނީ 40 އަހަރު ފުރި, މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ ކައުންސިލުން ވަނީ މި ޝަރުތުތައް ހަމަވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ސިޓީއާއި އައިޑީކާޑުގެ ސާފު ކޮޕީއެއް، ކައުންސިލް އިދާރާތަކަށް ހުށަހަޅައިދިނުމަށް އެދިފަ އެވެ. އަދި ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ، ހައްޖަށް ދިއުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލައިގެން ކަމަށް ވެސް ކައުންސިލުތަކުގެ އިއުލާނުގައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހެޔޮ އެދޭ އެ ފަރާތަކުން ރ. އަތޮޅުން ކޮންމެ މީހަކު ހައްޖަށް ފޮނުވައިދޭތާ މިހާރު ހަތަރު ވަރަކަށް އަހަރުވެއްޖެ އެވެ.



