ބޭންކިން ވިޔަފާރި ފަށަން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް ހުއްދަ ދީފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޭންކިން ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ، ޑިވެލޮޕްމަންޓް ބޭންކަށް މިއަދު ދޫކޮށްފައިވާ ކަމަށެވެ.
އެ ބޭންކުގެ ހިދުމަތް ފެށުމުން، ދިގު މުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ރާއްޖޭގެ އިގުތިސޯދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް އެ ބޭންކަށް ދޫކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު 13 ގައެވެ. ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރު ހިއްސާވާ ބޭންކެކެވެ.


