ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ

ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް ކަމަށާއި އެ ސަދަގާތެއްގެ ހެޔޮ އަސަރު ދެމިހުރިހާ ހިނދަކު، ސަދަގާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނެ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް މިއަދު ބޭނުންވެފައި ކަމަށާއި ހަދިޔާކުރާ ލެޔަކީ، މީހެއްގެ ފުރާނަ ސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިނުން ކަމަށާއި ވީމާ ދަރުމަހުރި، އިންސާނިއްޔަތު އެ އަމަލާއިގެން ކުރިއަށްދިއުމަށް ގޮވައިލާ ކަމަށް ހުތުބާގައި ބުންޏެވެ.

”ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތު ހަމަވާ އެންމެން މިކަމުގައި ބައިވެރިވާށެވެ. ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް ކަމުގައި އިލްމުވެރީން ދެކެވަޑައިގަނެއެވެ. އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ސަދަގާތެއްގެ ހެޔޮ އަސަރު ދެމިހުރިހާ ހިނދަކު، ސަދަގާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ ކަމެކެވެ..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ހައްގަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައި ކަމެއް ކަމަށެވެ. އަދި އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

މާތް ﷲގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެއުރެންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، އާހިރަތްދުވަހުން އުފުލާންޖެހޭ ބޮޑެތި މުސީބާތްތަކުން ދިންނަވާނޭ ކަމެއް ކަމަށާއި ކޮންމެ މުސްލިމަކު ވެސް މިއަދު އަވަސްވެގަންނާންވީ އެ ދުވަހުގެ ބިރުވެރިކަމާއި، އަޒާބުން މިންޖުވާނޭ އަމަލެއް ކުރެވޭތޯ ކަމަށް ހުތުބާގައި ބުންޏެވެ.