ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި 

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ދިން ބޮމުގެ ހަމަލާއެއްގައި 30 އަށްވުރެ ގިނަ މީހުން މަރާލައި، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އިސްލާމްއާބާދުގެ ތަރްލާއީ ސަރަހައްދުގައި ހުންނަ މިސްކިތެއްގައި އެ ހާދިސާ ހިނގުމާ ގުޅިގެން އެ ސިޓީގެ ހޮސްޕިޓަލްތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ’އެކްސް‘ ގައި ވިދާޅުވި ގޮތުގައި، އެ ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 169 އަށް އަރައިފައެވެ.

އެ ގޮވުން ގޮވަން މެދުވެރިވި ސަބަބު އަދި ރަސްމީކޮށް ސާފުވެފައި ނުވި ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެއީ ޖާނުން ފިދާވުމުގެ ހަމަލާއެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެ ހާދިސާއާ ގުޅިގެން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިސްލާމްއާބާދުގެ ޑެޕިއުޓީ ކޮމިޝަނަރު އިރްފާން މެމޮން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރުވި މީހުންގެ އަދަދު މިހާރު 31 އަށް އަރާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މަރުވި މީހުންގެ އަދަދު އެއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ.