މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގައި އެންމެ މޮޅު އެތުލީޓުންނަށް ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ ސައީދާއި މޫސާ މުންސިފް އަހުމަދުގެ އިތުރުން ބޮޑީބިލްޑަރު އަޒްނީން ރަޝާދު އަދި ނެޓްބޯޅަ ކުޅުންތެރިޔާ އީމާ އަބްދުއްސައްތާރު ހޮވިއްޖެއެވެ.
ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ހަފްލާގައި އެންމެ މޮޅު އެތުލީޓުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރާއްޖޭގެ އަންހެން އެއްވަނަ ޓީޓީ ކުޅުންތެރިޔާ ދީމާ އާއި ފިރިހެން އެއްވަނަ ޓީޓީ ކުޅުންތެރިޔާ މުންސިފް އެންމެ މޮޅު އެތުލީޓުންނަށް ހޮވިފައިވަނީ އޮލިމްޕިކް ކުޅިވަރުތަކުގެ ކެޓަގަރީންނެވެ.
ދީމާ އާއި މުންސިފަކީ ޓީޓީގެ ގައުމީ މުބާރާތްތަކުން ރަން ވަނަ ހާސިލުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ރާއްޖެއަށް މެޑަލްތަކެއް ހޯދައިދީފައިވާ ދެ ކުޅުންތެރިންނެވެ. އޭގެ ތެރެއިން ދީމާ ވަނީ އެންމެ މޮޅު އެތުލީޓުގެ މަގާމު މިދިޔަ ތިން އަހަރު ވެސް ހޯދައިފައެވެ.
އެންމެ މޮޅު އެތުލީޓުންނަށް ބޮޑީބިލްޑަރު އަޒްނީނާއި ނެޓްބޯޅަ ކުޅުންތެރިޔާ އީމާ ހޮވުނީ ނަންއޮލިމްޕިކް ސްޕޯޓްސްގެ ކެޓަގަރީންނެވެ. އޭގެ ތެރެއިން އަޒްނީނަކީ ބައިނަލްއަގުވާމީ ބޮޑީބިލްޑިން މުބާރާތްތަކުގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދީފައިވާ ބޮޑީބިލްޑަރެކެވެ.




ގުޅުންހުރި