މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން ފުރަން ދިއުމުގެ ކުރިން ފްލައިޓުތަކުގެ މައުލޫމާތު ސާފުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންގައިފިއެވެ.
އިޒްރޭލާ ގުޅިގެން އެމެރިކާއިން އިރާނަށް ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމައެއް ފެށިފައިވާ އިރު، މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވެސް ގިނަ އަދަދެއްގެ ފުލައިޓުތަކެއް މެދުއިރުމައްޗަށް ބާއްވާ އިރު، ފްލައިޓުތައް ކެންސަލްވުމާ ގުޅިގެން މިއަދު ވަނީ އެއާޕޯޓުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައެވެ.
އެކަމާ ގުޅިގެން އެމްއޭސީއެލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ދިއުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފުލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް ދަންނަވާ ކަމަށެވެ.
ފަސިންޖަރުން ސަމާލުކަން ދޭން އަންގާފައިވާ ކަންކަން
- ދަތުރުކުރާ އެއާލައިންގެ ވެބްސައިޓު ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން
- ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފުލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދަށް ތަބާވުން
- ދުރާލާ ދަތުރުގެ ކަންކަން ރޭވުން
ވީއައިއޭއަށް އޮޕަރޭޓުކުރާ ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް https://www.fis.com.mv އަށް ޒިޔާރަތްކުރުމަށް އެމްއޭސީއެލުން އެދެއެވެ.




ގުޅުންހުރި
ހަނގުރާމައާ ގުޅިގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް
ހަމަލާތައް އަދިވެސް ކުރިއަށް، އިރާނުން އިޒްރޭލަށް މިސައިލު ހަމަލާތަކެއް
މެދުއިރުމަތީގެ ގައުމުތަކުގައި އުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމެރިކާގެ ހަމަލާ ސްކޫލަކަށް އަމާޒުވެ، އިރާނުގެ ފަސް ކުއްޖަކު މަރުވެއްޖެ
އެމެރިކާ އާއި އިރާނުގެ ހަމަލާތައް ކުރިއަށް، ގަލްފްގެ ގައުމުތަކުގައި ގޮވުންތައް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް