ހަގުރާމައާއި ގުޅިގެން ކުރިމަތިވެދާނެ އިގްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ފިޔަވަޅުތަށް އަޅަމުންގެންދާނެ: މިނިސްޓްރީން

މެދު އިރުމަތީގައި މިހާރު ހިގަމުންދާ ހަގުރާމައާއި ގުޅިގެން ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، ކުރިމަތިވާ އިގްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ހާލަތާއި އެކަށީގެންވާ ގޮތަކަށް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައެވެ.

ފިނޭންސް މިނިސްޓްރީން މީގެ އިރުކޮޅެއްކުރިން ނެރުނު ބަޔާނުގައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް އަންނާނެ ބަދަލުތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މި ހާލަތުގަ ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.

ފިނޭސްމިނިސްޓްރީން ވިދާޅުވީ މަރުކަޒީ ބޭންކު އެމްއެމްއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައިހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމަށާއި، އެކަމުގެ ސަބަބުން ބޭރު ދުނިޔޭން ކުރިމަތިވާ އިގްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށާއި، ރާއްޖެއަށްމުދާ އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގްތިޞާދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާނުން ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވާނެ ދަތިތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވަނީ ބުނެފައެެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ދިރާސާކުރަމުން އަންނަ ކަމަށާއި، އެ ދިރާސާތަކުގެ އަލީގައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރާވާފައިވާ ކަމަށެވެ.

Leave a Reply