ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ރިކުއެސްޓުތައް މިދަނީ ރިޖެކްޓުކުރަމުން: ހަލީލު

މިހާރު ހިނގަމުންދާ ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައިނުވާ ކަމަށާއި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ރިކުއެސްޓުތައް ރިޖެކްޓު ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ މައްޗަށް ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ ރާއްޖޭގެ އަމާންކަމާއި އިގުތިސޯދަށް ކަމަށެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަމަށާއި އަދި ހަމަލާތައް ދިނިމަށް އަންނަ ރިކުއެސްޓުތައް ވެސް ރިޖެކްޓު ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ތެޔޮ އެތެރެކުރާ މައި މަގު ބަންދުވުމާ ގުޅިގެން ތެޔޮ ލިބޭނެކަން ކަށަވަރުކުރަން އަވައްޓެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކާބޯތަކެތީގެ ކަށަވަރުކަމަށް ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

ވަކި ގައުމަކަށް ނޫނީ މަދު ގައުމަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުމަށް ޑައިވާސިފައި ކުރުމަށް  މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.