ލޯކަލް ކައުންސިލު އިންތިހާބުގެ ކާމިޔާބަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެވަނަ ދައުރުގެ ބަހުސް ނިމުމަކަށް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކައުންސިލުތަކަށް ހޮވޭ މެންބަރުން ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަން ކާމިޔާބުކުރުމަށް އެއް ރޫހެއްގައި، އެއް ވާނެއްގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ރައީސަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯޯރިޓީ ދިން ފަދައިން، ކައުންސިލުތަކުގެ ސުޕަ މެޖޯރިޓީ ވެސް ލިބިގެންދާނެ ކަމަށާއި ގައުމަށް ހަމަޖެހުމާއި ރައީސަށް ދެވަނަ ދައުރެއް ލިބުމާއި ގައުމުގެ ރިޒާވް ބޮޑުތަކުން އިތުރުވެ، ބޯހިޔާވަހިކަމަށް ސަލާން ޖެހުން ނިމުމަކަށް އަންނަތަން މިހާރު ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކައުންސިލު އިންތިިހާބުގެ ކާމިޔާބާއެކު ރައީސްގެ ވެރިކަމުގެ ދެވަނަ ދައުރުގެ ބަހުސެއް ދެން ނޯންނާނެ ކަމަށާއި މެނިފެސްޓޯގައި ހުރި ކަންކަން ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި އެ ކާމިޔާބާއެކު ރާއްޖެއަށް ބައްދަލުކުރާނީ ފާގަތިކަމާއި ކުރިއެރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުން ބޭނުންވަނީ ރާއްޖެއިން ހަމަޖެހޭ ނޭވާއެއް ލުން ކަމަށާއި އެ ހަމަޖެހުން ގެނެވޭނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވި، އިންތިހާބުތައް ބާއްވާ ދުވަސްތައް މަދުކުރެވިގެން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.


