މީހެއްގެ އަންބެއް ކައިރިއަށް ވަދެ އުޅުނު ކަމަށް ތުހުމަތުވާ ފުލުސް މީހާގެ ބޯ ފަޅައިގެން ގޮސްފައި -- ފޮޓޯ: އެމްވީކްރައިސިސް

މީހެއްގެ އަންބެއް ކައިރިއަށް ވަދެ އޮތްކަމަށް ތުހުމަތުކޮށް ފުލުހަކަށް ހަމަލާދީފި

ހުޅުމާލޭގައި މީހެއްގެ އަންބެއް ކައިރިއަށް ވަދެ އޮތްކަމަށް ތުހުމަތުކޮށް ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެންމެ ބޮޑަށް އަނިޔާވެފައިވަނީ ފުލުސް މީހާގެ ބޮލަށެވެ. އޭނާގެ ބޯ ފަޅާލައި ހަމަލާދީފައިވަނީ ހިޔާ ފުލެޓެއްގެ އެޕާޓްމަންޓެއްގެ ތެރޭގައި މީހެއްގެ އަންބެއް ކައިރީގައި އެކަހެރިކޮށް، ބަރަހަނާ ހާލުގައި އޮއްވައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށާއި އެ ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އެ މައްސަލައިގެ ވަށައިގެންވާ ކަންކަން ހިދުމަތުން ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.