ލޯންޗު އެކްސިޑެންޓު: އަތެއް ބުރިވެ، ސީރިއަސް އަނިޔާތައް ލިބުނު މީހަކު އިތުރު ފަރުވާއަށް އިންޑިއާއަށް 

ފެލިދޫ ކައިރިން އެކްސިޑެންޓުވި ލޯންޗު --

ވ. ފެލިދޫ ކައިރީގައި ހިނގި ލޯންޗު އެކްސިޑެންޓުގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު އިތުރު ފަރުވާއަށް އިންޑިއާއަށް ފުރައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވ. ފެލިދޫ ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި ލޯންޗުގައި ތިބި އެންމެންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ އިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ކަމަށެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

”އަދި މި ހާދިސާގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ވަނީ އިންޑިއާއަށް ފުރައިފައެވެ..،“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ފަރުވާއަށް އިއްޔެ ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިވާ ކަމަށާއި އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ.

އެ ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމުލަ ހަތް މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

”މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ..،“ ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ.

އެ ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި އިންޑިއާގެ ބިލިއަނަރު، ރޭމަންޑް ގްރޫޕްގެ ޗެއާމަން ގޯތަމް ސިންހާނިއާ ވެސް ދަތުރުކުރިއެވެ. އޭނާއަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ދަނީ އެ ހާދިސާ ތަހުގީގުކުރަމުންނެވެ.