ރާއްޖެއަށް އަސްކަރީގޮތުން ހަނގުރާމައިގެ އެއްވެސް ނުރައްކަލެއް ނެތް: ގައްސާން 

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އަދިވެސް ރާއްޖޭގެ ނިންމުމަކީ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް ނުދިނުން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައްސާން ވިދާޅުވީ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދާއި އެނޫންވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭގޮތަށް ނިންމި ނިންމުމުން ދަމަހައްޓަމުންދާ ކަމަށެވެ.

ﷲ އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މި ދަނޑިވަޅަކު ނުފެނޭ،“ ގައްސާން ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައިވުމުން ނޫސްވެރިޔަކު ވަނީ އެއީ ކޮން ގައުމުތަކެއްތޯ ސާފުކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލަށް ސުވާލެއް ކުރިމަތިކުރުވައިފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލަށް ޖަވާބުދެއްވަމުން ހަލީލު ވިދާޅުވީ އެފަދަ މައުލޫމާތުތަކަކީ އެ ގައުމުތަކުގެ ހުއްދަ ނެތި ފޯރުކޮށްދެވޭނެ މައުލޫމާތުތަކެއް ނޫން ކަމަށާއި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ރާއްޖެއިން އިހުތިރާމުކުރާނެ ކަމަށެވެ.