އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތި ކަމެއް ނެތް ކަމަށާއި އަގުވެސް މައްޗަށް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ހަނގުރާމައިގެ ކުރީގައި ހުރިވަރަށް، ރާއްޖޭގައި ހަނޑޫ، ހަކުރު އަދި ފުށް އެބަހުރި ކަމަށާއި އަދި އެ ތަކެތި ރާއްޖެ ގެނެސް ސްޓޮކް ބަލަހައްޓަމުންދާ ކަމަށެވެ.
”އެކަމުގައި (އަސާސީ ކާބޯތަކެތީގެ) އެއްވެސް ދަތިކަމެއް އަދި ދިމައެއް ނުވޭ. އެންޓިސިޕޭޓް ކުރެވޭ ކަމެއްވެސް ނޫން. އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް. އަގުވެސް މައްޗަކަށް ދާނެކަމެއް ނޫން އެއީ“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަގީންކަމަށް އެހާބޮޑު ސަމާލުކަމެއް ދެވިފައި ނެތް ނަމަވެސް އެކަމަށް ހާއްސަ އުސޫލުތަކެއް މި ސަރުކާރުން ގެންގުޅޭ ކަމަށެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން ކާނާގެ ޔަގީންކަމަށް އިތުރު ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރަން ބޭނުންވާ ޕްރައިވެޓް ސެކްޓާގެ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށެވެ. އޭގެ ތެރޭގައި ހިލޭ ބިން ދިނުމާއި ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކުގައި ހާއްސަ ލުއިތަކެއް ދެވޭނެ ކަމަށް ވިދާޅުވި އެވެ.



