ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމު ދަށުން ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ބިން ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ޖުމްލަ 1408 ޕްލޮޓުގެ ތެރެއިން، ސްޓޭޖް 1 ގެ ދަށުން ހުޅުމާލޭ ފޭސް 2 ގެ 709 ޕްލޮޓް މީގެ ކުރިން ވަނީ ހަވާލުކޮށްފައެވެ.
ސްޓޭޖު 2 ގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދޫކޮށްފައިވާ 699 ޕްލޮޓް ހަވާލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ފަށައިފައެވެ. އެގޮތުން ހުޅުމާލޭ ފޭސް 3 އިން ޕްލޮޓް ލިބިފައިވާ 11 ފަރާތަކަށް އިއްޔެ ބިން ހަވާލުކުރެވިފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
މިދިޔަ ސަރުކާރުގައި ގޯތި ދިން ސަރަހައްދުތަކުުގެ ތެރެއިން ގިނަ ތަންތަން ހިއްކާފައިނުވާތީ، މި ސަރުކާރުން ވަނީ އެ މަސައްކަތްކޮށްފައެވެ. އެގޮތުން ހުޅުމާލެ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ބިން ހިއްކައި، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ވަނީ ނިންމާލައިފައެވެ.
މިހާރު ކުރިއަށްގެންދަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެސް އަންނަ މަހުގެ ތެރޭގައި ހިއްކައި ނިންމައި، އަންނަ ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.



