ތިނަދޫ ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސެންޓަރުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ

ތިނަދޫގައި މޯލްޑިވް ގޭސް އިން ހަދަމުންދާ ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސެންޓަރު --- ފޮޓޯ: މޯލްޑިވް ގޭސް

ތިނަދޫ ސިޓީގައި މޯލްޑިވް ގޭސް އިން ތަރައްގީކުރަމުންދާ 1500 މެޓްރިކް ޓަނުގެ ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސެންޓަރުގެ 75 ޕަސެންޓް މަަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޯލްޑިވް ގޭސް އިން ބުނީ އެ މަޝްރޫއުގެ 75 ޕަސެންޓް މިހާރު ނިމިފައިވާއިރު، ޑިސްޓްރިބިއުޝަން ސެންޓަރުގެ ހިދުމަތް ދިނުމަށްޓަކައި ނުނިމި ހުރި 25 ޕަސެންޓް މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒު ކަމަށެވެ.

މި މަޝްރޫއުއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ގޭހުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދަތިކަމެއް ނެތި ރައްޔިތުންނަށް ގޭސް ފޯރުކޮށްދިނުމަށްޓަކައި 2016 ވަނަ އަހަރުގެ ތެރޭގައި ފެށި ވަރަށް މުހިންމު މަޝްރޫއެކެވެ.

މޯލްޑިވް ގޭސް އިން ބުނީ، މީގެ ކުރިން މި މަޝްރޫއުގެ މަސައްކަތް މަޑުޖެހެން މެދުވެރިވީ ތިނަދޫގެ ލޭންޑްސްކޭޕަށް ބޮޑެތި ބަދަލުތަކެއް އައުމާ ގުޅިގެން ޑިސްޓްރިބިއުޝަން ސެންޓަރުގެ އަންލޯޑިން ޕައިޕްލައިނަށާއި ވޯޓާ ޕަމްޕުތަކުގެ ސަކްޝަން ލައިންތަކަށް ގެންނަން ޖެހުނު ވަރަށް ބޮޑެތި ފަންނީ ބަދަލުތަކާ ގުޅިގެން ކަމަށެވެ.

އޭގެ ތެރޭގައި ސައިޓުގެ އިރުމަތީ ފަރާތުން އިންޑަސްޓްރިއަލް ބިން ހިއްކުމާ ގުޅިގެން ގެންނަން ޖެހުނު ބަދަލުތަކާއި އާ ޑިޒައިނުގެ ދަށުން ޓޭންކަށް ގޭސް ލޯޑްކުރުމަށްޓަކައި 450 މީޓަރުގެ ދިގު ޕައިޕްލައިނެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދާއި އިންޖިނިއަރިން ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ ތިނަދޫއަށް ޒިޔާރަތްކުރައްވައިފަ އެވެ. އެ ޒިޔާރަތުގައި ފެނަކަ ކޯޕަރޭޝަނާއި ތިނަދޫގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި އެވެ.

މޯލްޑިވްސް ގޭސް އިން ބުނީ، ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ލުއިފަސޭހަކަމާއެކު ގޭސް ލިބޭނެ މަގުފަހިކޮށްދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމަށެވެ. އެގޮތުން ތިނަދޫ ގޭސް ސްޓޯރޭޖުގެ މަސައްކަތްތައް ހިނގާގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.