މި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކާއެކު، ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލަކީ ވަރަށް އުޖާލާ، އަދި އުންމީދުން ފުރިގެންވާ މުސްތަގުބަލެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އަޅާ ސްޓްރެޓީޖިކް ފިޔަވަޅުތަކުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ ބާރުވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
އެ ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލަކީ ވަރަށް އުޖާލާ، އަދި އުންމީދުން ފުރިގެންވާ މުސްތަގުބަލެއް ކަމަށާއި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަރަށް މުހިންމު، އަދި އެންމެން ޝާމިލުވާ ސިޔާސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށްޓަކައި ރައީސް މުއިއްޒު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށާއި އެގޮތުން، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ފުޅާކުރެއްވުމާއި، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުފަހިކޮށްދެއްވުމުގެ ގޮތުން ފަޅުރަށްރަށާއި އެހެނިހެން މުހިންމު ވަސީލަތްތައް ކައުންސިލްތަކާ ހަވާލުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށާއި މިއީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



