އީރާނުގެ ހުރިހާ ބަނދަރެއް ބަންދުކުރާނެކަމުގެ އިންޒާރު އެމެރިކާ އިން ދީފި އެވެ.
ޕާކިސްތާނުގެ ވެރިރަށް، އިސްލާމްއާބާދުގައި ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމުމާއި ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ، މިއަދު މެންދުރުފަހުން ފެށިގެން އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދެއް އެމެރިކާއިން ހުއްޓުވާނެ ކަމަށެވެ. ނަމަވެސް އީރާނުގެ ބަނދަރުތަކަށް ދަތުރުނުކުރާ އުޅަނދުފަހަރަށް ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.
އެމެރިކާއިން ބުނާ ގޮތުގައި މި ހަރުކަށި ފިޔަވަޅު އަޅަން ޖެހުނީ އީރާނުން ސުލްހައިގެ އެއްބަސްވުމަށް އިންކާރުކޮށް، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނަގަން އުޅޭތީ އެވެ.
އެމެރިކާ އިން އަޅަން އުޅޭ މި ފިޔަވަޅާއެކު ތެޔޮ ފީފާއެއްގެ އަގު ވަނީ 104 ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ.
އެމެރިކާގެ މި ނިންމުމާއި ގުޅިގެން އީރާނުން ބުނީ އެމެރިކާގެ މި އަމަލަކީ މިހާރު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަދި އީރާނުގެ ބަނދަރުތަކާ ކައިރިވާ އެމެރިކާގެ އަސްކަރީ އުޅަނދަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.
އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި އެ ގައުމުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ބުނެފަ އެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން އެމެރިކާ، އިސްރާއީލް އަދި އީރާނުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، އަސްކަރީ ކުރިމަތިލުމަކަށް ގޮސްދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.



