އިންތިހާބުގައި މެޖޯރިޓީ ރައްޔިތުން ތާއީދު ކުރީ ޕީއެންސީގެ ދީނީ އަދި ގައުމީ ފިކުރަށް: ރައީސް

ލޯކަލް ކައުންސިލް އިންތިހާބުގައި އއ. އުކުޅަހާއި އެ އަތޮޅު ތޮއްޑޫ އަދި ރަސްދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ---

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވޯޓު ދެއްވީ ޕީއެންސީން ގެންގުޅޭ ގައުމީ އަދި ދީނީ ފިކުރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި އއ. އުކުޅަހާއި އެ އަތޮޅު ތޮއްޑޫ އަދި ރަސްދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކައުންސިލް އިންތިހާބުން ހޮވުނު ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދިނީ ޒިންމާދާރު މަސައްކަތެއްކޮށް, ރީތި އަހުލާގީ މިސާލުތަކެއް ދައްކައި ދިނުމަށް ކަމަށާއި ނަމަވެސް އިދިކޮޅު އެމްޑީޕީގެ ފަރާތުން ފެނިގެންދަނީ ދިމާ އިދިކޮޅު ކަމަށެވެ.

”ފެނިގެން މިދަނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ ފަރާތުން އަބަދުވެސް ފެންނަ މަންޒަރު. ގައުމެއް އިސްކުރަނީއެއް ނޫން. ދީނެއް, މިއްލަތެއް އިސްކުރަނީއެއް ނޫން. މުޅިން އެހެން ގޮތަކަށް އުޅޭތަން.ހަމަވިސްނޭ ރައްޔިތުން, އަދުލުއިންސާފު ގަބޫލުކުރާ ދީން އިސްކުރާ ރައްޔިތުން ވިސްނަންޖެހޭ ޕީއެންސީން އިސްކުރަނީ ގައުމުކަން,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, އިންތިހާބުގެ ނަތީޖާއަށް ބަލާއިރުގައި މެޖޯރިޓީ ރައްޔިތުންގެ ވިސްނުންހުރީ ގައުމާއި ދީން އިސްކުރުމަށް ކަމަށެވެ.

”ހުރިހާ ގޮތަކަށް ބެލި ނަމަވެސް, ޑަބްލިޔުޑީސީގެ ރައީސް އާއި އާންމު މެންބަރުންނަށް ބެލިނަމަވެސް, ކައުންސިލްތަކުގެ ރައީސުންނާއި އާންމު މެންބަރުންނަށް ބެލިނަމަވެސް ހުރިހާ އިންތިހާބަކުން ރާއްޖޭގެ މެޖޯރިޓީ މިއޮތީ މި ފުކުރަށް ތާއީދުކޮށް ދީނީ ގައުމީ ފިކުރަށް ތާއީދުކޮށް ޕީއެންސީއަށް މެޖޯރިޓީ ދެއްވާފައި,“ ރައީސް ވިދާޅުވި އެވެ.