ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
އެލްޖީއޭ އިން ބުނީ ގާނޫނުއަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެ އޮތޯރިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރު ކަމަށެވެ.
އެލްޖީއޭގެ ރައީސްކަމުގައި އެންމެ ފަހުން ހުންނެވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް މި މަހުގެ 14 ގައި އާދަމް ޝަރީފް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެލްޖީއޭގެ ރައީސްގެ މަގާމު ވެސް ވަނީ ހުސްވެފައެވެ.
އާދަމް ޝަރީފްގެ އިސްތިއުފާއަށްފަހު ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީ ވެސް ރައީސް އުވާލެއްވިއެވެ.









