ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ވެފައިވާ ބައިލެޓެރަލް ސްވޮޕް އެއްބަސްވުމުގެ ދަށުން ނެގި 400 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ދައްކައި ހަލާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ސްވޮޕް ފެސިލިޓީ އަކީ ”ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޮ ސާކް ކަންޓްރީޒް 2024-2027“ ގެ ދަށުން 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި ނެގި ފެސިލިޓީއެއް ކަމަށެވެ.
އެ ފެސިލިޓީ ދައްކައި ހަލާސްކުރުމާ އެކު، އިންޑިއާ ސަރުކާރުން ވަނީ އެ ބައިލެޓެރަލް ސްވޮޕް އެއްބަސްވުމުގެ އައިއެންއާރް ސްވޮޕް ވިންޑޯގެ ދަށުން 30 ބިލިއަން އިންޑިއަން ރުޕީސް (319 މިލިއަން ޑޮލަރު) ގެ ފުރަތަމަ ވިތުޑްރޯވަލް ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބަޔާނުގައި ބުނީ، 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީގެ ސަބަބުން ހުޅަނގު އޭޝިއާގެ ބަދަލުވަމުންދާ ހާލަތުގެ ތެރޭގައި އިގުތިސާދީ ހަމަޖެހުން ވަރުގަދަކުރުމުގެ ސަރުކާރުގެ ފުޅާ ސްޓްރެޓެޖީއަށް އެއްބާރުލުން ލިބޭނެ ކަމަށެވެ. އޭގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ހޯދި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ބަޖެޓަރީ ސަޕޯޓް ޕެކޭޖުން 50 މިލިއަން ޑޮލަރު މިހާތަނަށް ދައްކާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ ހުއްދަކުރުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމުގެ ރަމްޒެއް ކަމަށާއި، އިންޑިއާގެ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ ދަށުން އެ ގައުމުން ދެމުންދާ އެއްބާރުލުން ހާމަކޮށްދޭ ކަމެއް ކަމަށެވެ.








