މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ---

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިސްތިއުފާ ދެއްވައިފި އެވެ.

ނާޒިމް އިސްތިއުފާ ދެއްވާފައި މިވަނީ ދައުރުން ބޭރުގައި މިއަދު ބާއްވަން ނިންމާފައިވާ ޖަލްސާއަށް އޭނާ ވަކިކުރުމުގެ މައްސަލަ ތާވަލުކޮށްފައި ވަނިކޮށެވެ. ނާޒިމް ވަކިކުރަން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ނިންމީ ”ވަކި ސިޔާސީ ފިކުރަކަށް ބުރަވެ“ މަސައްކަތް ކުރުމާއި މަޖިލީހުގެ ތެރޭގައި މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.

އިސްތިއުފާ ދެއްވިކަން ހާމަކޮށް ނާޒިމް މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާތަނަށްވެސް މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުންވިއަސް އޭނާ ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު ނުވަތަ އެހެންވެސް ފަރާތަކުން ގާނޫނުއަސާސީގައި ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައިނުވާތީ، މި ހުރިހާ ތުހުމަތަކީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އޭނާ އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށެވެ. އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

”…ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނޭކަމެއް ކޮށްފައި ނުވާނެކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނޭކަމާއި މަގާމުގެ ނާޖާއިޒު ފައިދާ ނަގާފައި ނުވާނެކަންވެސް ބަޔާންކުރަމެވެ…. ވަކި ސިޔާސީ ފިކުރަކަށް ތަބާވެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައި ނުވާހިނދު، އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށެވެ،“ ޕީއެންސީން ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ނާޒިމްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ނާޒިމް ވިދާޅުވީ، ޕީއެންސީގެ ޕީޖީ ގުރޫޕުގެ ހުރިހާ މެންބަރުން ސޮއިކުރައްވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހަޅާފައިވުމުން އޭގައިވާ ސަބަބުތަކަކީ ތެދު ހަގީގަތްތަކުގައި ނުވި ނަމަވެސް، އިންތިހާބީ މަގާމަކަށް ވޯޓުލީ އެންމެންހެން އެ މަގާމުން އެ މީހަކު ދުރުވުމަށް އެދުމުން އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއްކަމުގައި ދެކޭ ކަމަށެވެ.

”ވުމާއެކު އަޅުގަނޑާމެދު ކުރައްވާފައިވާ އެންމެހައި ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއްނެތި އިންކާރު ކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މި ވަގުތުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،“ ނާޒިމް ވިދާޅުވެފައިވެ އެވެ.