މާލޭގެ މައި ވިޔަފާރި ބަނދަރަށް އެތެރެކުރާ ކޮންޓެއިނަރުތައް ނުކަނޑައި ސްކޭން ކުރެވޭނެ އާ ނިޒާމެއް ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ގާއިމްކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، އެމްޕީއެލްއާއި ކަސްޓަމްސް ގުޅިގެން މާލޭ ވިޔަފާރި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ނިޒާމުގެ ސަބަބުން ކޮންޓެއިނަރުތައް ނުކަނޑައި އޭގެ އެތެރޭގައި ހުރި ތަކެތި ފަސޭހަކަމާ އެކު ބަލައި ފާސްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނާ ސްކޭނާއެއް އިންސްޓޯލް ކުރުމުގެ މަސައްކަތް، ހަތަރު ވަރަކަށް މަސް ތެރޭގައި ނިމިގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ނިޒާމުގެ ސަބަބުން ރާއްޖެއަށް ވަގަށް އެތެރެކުރާ މަސްތުވާތަކެއްޗާއި ދުންފަތުގެ ބާވަތްތައް އަތުލައިގަތުން ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ބޯޑަރުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މިހާރު ވެސް އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ގަވާއިދާ ހިލާފަށް އެތެރެކުރާ ތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި، އާ ސްކޭނަރު ބޭނުންކުރަން ފެށުމުން ބަނދަރުގެ ފާސްކުރުންތައް މިހާރަށް ވުރެ ފުރިހަމަވެ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


