މިމަހުގެ ފަހުކޮޅު ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބޭނެކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖޫން އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމަށް އޮންނަ މަހު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
ނަމަވެސް މިހާރު ބީއެމްއެލް އިން ވަނީ ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބައެއް ސައިޓުތަކަށް ޑެއިލީ ލިމިޓެއް ކަނޑައަޅައިފަ އެވެ. އެ ބަދަލާ ގުޅިގެން ކުޑަ އަގެއްގައި އެއްޗެއް ބޭރުގެ ވެބްސައިޓަކުން ނުލިބި، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބީއެމްއެލްއަށް ދަތިތަކެއް ދިމާވެގެން މިހާރު ކާޑުތަކުގެ ލިމިޓް ކުޑަކޮށްފައިވީ ނަމަވެސް، އެ ލިމިޓްތަކަށް މި މަސް ނިމޭއިރު ލުޔެއް ލިބޭނެ ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ.
”ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީވެ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެއުޅެނީ، އެހެންނަމަވެސް އިއްޔެގަ ރައީސް އޮފީހަށް ބޭންކުން މައުލޫމާތު ހޯދަންބެލިއިރުގައި މި މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ ލުއިކޮށްދޭނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ.“ ރައީސް ވިދާޅުވި އެވެ.


