ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ އިން ހާމަވެގެންދަނީ އައްޑޫ ސިޓީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް އިހުތިރާމާއި ލޯބި ކަމަށް ވެރިކަން ހިންގާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި އިންތިހާބު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. އިންތިހާބުގައި ސޯބެއަށް ލިބިވަޑައިގަތީ 1375 ވޯޓު ހޯއްދަވައިފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1313 ވޯޓެވެ.
ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓުގައި އިންތިހާބުގައި ބަލި ގަބޫލު ކުރެއްވި ކަމަށް ވިދާޅުވެފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާ މިއަދު ބޭއްވި ބައި-އިލެކްޝަނާ އެކު ނިމިއްޖެ ކަމަށެވެ.
”އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުން، އިބޫ، އަންނި، ފައްޔާޒު، ޝާހިދު، އާޒިމް އަދި މުޅި އުމުރުގައި އެ ދާއިރާގެ މެންބަރުކަން ކުރި އަސްލަމާއި ދެންވެސް އެމްޑީޕީގެ ގައުމީ މަޖިލީސް އެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީ އާއެކު ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ބުނެ އުޅުނު ޔާމީން ތާއީދުކޮށްގެން ވެސް, މިއަދު އޮތް އިންތިހާބުގައި ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައި،“ ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އިން އެމްޑީޕީގެ ލީޑާޝިޕް ފެއިލްވެފައިވާ ކަމަށާއި އައްޑޫ އާމެދު އިހުމާލުވެފައިވާ ކަމަށާއި ރައީސް ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތް ކަމަށް އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާކަހަލަ ކަމަށެވެ. އަދި 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”މިއަދު ބޭއްވުނު އިންތިހާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް. ރައީސް މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް،“ ފަލާހު ވިދާޅުވި އެވެ.
މިއީ ޕީއެންސީއަށް ވިދިވިދިގެން ލިބުނު ތިން ވަނަ ބައްޔެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފަ އެވެ.
ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވުމުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް މަދުވާނެ އެވެ.


