ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފި އެވެ.

ޒަމީރު އިސްތިއުފާ ދެއްވިކަން ކަށަވަރުވި ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވީ 30 ސެޕްޓެންބަރު 2025 ގައެވެ.

އޭގެ ފަހުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކެބިނެޓަށް ގެނައި ބަދަލާއެކު ފިނޭންސް މިނިސްޓްރީގެ މެންޑޭޓްގެ ތެރެއަށް ޕަބްލިކް އެންޓަޕްރައިސަސް ހިމަނައި، މެންޑޭޓް ބޮޑުކުރި އެވެ.

ޒަމީރު އިސްތިއުފާ ދެއްވި އިރު، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާއަކަށް ވެސް ހަމަޖެއްސީ ޒަމީރެވެ. އަދި ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވީ އޭނާ އެވެ.