ފީފާ ވޯލްޑް ކަޕް 2026 ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ބޮޑު އުނދަގޫތަކަކާ ކުރިމަތިވެއްޖެއެވެ.
އާޖެންޓީނާގެ ޑިފެންޑަރު ލިއޮނާޑޯ ބަލެރްޑީއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް މިފަހަރުގެ މުބާރާތުގައި ނުކުޅެވޭނެކަން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަން، އޭއެފްއޭ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އޮލިމްޕިކް ޑި މާސޭއަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ޑިފެންޑަރު ލިއޮނާޑޯ ބަލެރްޑީއަށް އަނިޔާވީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރޭގައެވެ. އޭނާގެ ކަނާތު ފައިގެ ސޯލިއަސް މަސްގަނޑަށް ލިބުނު މި އަނިޔާގެ ސަބަބުން، މުޅި މުބާރާތް އޭނާއަށް ގެއްލިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ބަލެރްޑީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅެން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައި ލިބުނު ހަބަރެކެވެ.
ކޯޗު ލިއޮނަލް ސްކަލޯނީގެ ޓީމުގައި ބަލެރްޑީއަކީ ޑިފެންސިވް ރޮޓޭޝަންގައި މުހިންމު ދައުރެއް އަދާކުރަމުން އައި ކުޅުންތެރިއެކެވެ. އޭނާގެ ފަރާތުން ފެންނަ ހުނަރާއި، ޑިފެންސް ލައިނުން ބޯޅަ ހިފައިގެން ކުރިއަށް ދިއުމުގެ ގާބިލުކަމަކީ ސްކަލޯނީ އޭނާ ބޭނުންކުރާ ސަބަބެކެވެ.
މިހާތަނަށް އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ހަމަޖައްސާފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސްކަލޯނީ ގެންދަވަނީ ބަދަލު ކުޅުންތެރިއެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި މަގާމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި މާކޯސް ސެނެސީ އާއި ލޫކަސް މާޓިނޭޒް ކުއާޓާ ހިމެނެއެވެ.
އާޖެންޓީނާގެ ޓީމު މިހާރު ތިބީ ވޯލްޑް ކަޕްގެ ތައްޔާރީތަކަށް އެމެރިކާގައެވެ. މިމަހުގެ 17 ގައި އަލްޖީރިއާއާ ދެކޮޅަށް ކުޅޭ މެޗުން އެޓީމު މުބާރާތް ފަށާ އިރު، ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ފިޓްނަސްއާ މެދު ވެސް ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.


