ގަތަރު ސަރުކާރުން މިދިޔަ އަހަރު އެމެރިކާއަށް ހަދިޔާކުރި އެއާ ފޯސް ވަން އިއްޔެ ދައްކާލައިފި އެވެ.
އެއާ ފޯސް ވަންއަކީ އެމެރިކާގެ ރައީސް ދަތުރުކުރުމަށް ހާއްސަކޮށް، އެ ގައުމުގެ އަސްކަރިއްޔާއިން ބަލަހައްޓާ ކޮންމެ މަތިންދާބޯޓަކަށް ދެވޭ ކޯލް ސައިން އެކެވެ.
އެއާ ފޯސް ވަންގެ ގޮތުގައި ބޭނުންކުރުމަށް ގަތަރު ސަރުކާރުން މިދިޔަ އަހަރު އެމެރިކާއަށް ހަދިޔާކުރި އާ ބޮއިންގް 8-747 މަރުކާގެ ލަގްޒަރީ ޖަމްބޯ ޖެޓަކީ ގާތްގަނޑަކަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ޖެޓެކެވެ. އެ ޖެޓަށް ގެންނަންޖެހޭ ބަދަލުތައް އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ވަނީ ނިންމައިފަ އެވެ.
”މި ބޯޓު ވަނީ މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެފައި ނުވާފަދަ މަތީ ފެންވަރެއްގެ ލަގްޒަރީއާއެކު، އުދުހޭ ވައިޓް ހައުސްއަކަށް ބަދަލުކޮށްފައި،“ ބޯޓު ދައްކާލުމަށް ހުކުރު ދުވަހު ޖޮއިންޓް ބޭސް އެންޑްރޫސްގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ބުންޏެވެ.
އެމެރިކާގެ އެއާ ފޯސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ބޯޓު ބޭނުންކުރަން ފެށުމުގެ ކުރިން، ބޯޓަށް ގެނައި ބަދަލުތައް ޓެސްޓުކުރުމުގެ ގޮތުން އެންމެ ފަހުގެ ތަހުލީލީ އުދުހުންތައް ފަށާނެ ކަމަށެވެ. މި ބޯޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސަލާމަތީ ކަންކަމާއި މިޝަން ކޮމިއުނިކޭޝަންސް، ލޮޖިސްޓިކްސް ސަޕޯޓް އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އަޕްގްރޭޑްތައް ހިމެނެ އެވެ.
އަދި މި ބޯޓަކީ ކުރިން އެހެން ބަޔަކު ބޭނުންކޮށްފައިވާ ބޯޓަކަށްވުމުން، ކުރިމަތިވެދާނެ ނުރައްކާތައް މިހާރު ”ނިއުޓްރަލައިޒް“ ކުރެވިފައި ކަމަށްވެސް އެމެެރިކާގެ އެއާ ފޯސް އިން ބުންޏެވެ.

ގަތަރުގެ ޝާހީ އާއިލާއިން މި ބޯޓު ހަދިޔާކުރުމުން ސިޔާސީ ދެ ފަރާތުގެ އިތުރުން ޓްރަމްޕްގެ ބައެއް އަރިސް މީހުންވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. ބައެއް މީހުން ވަނީ މިފަދަ އަގުބޮޑު ހަދިޔާއެއް ގަބޫލުކުރުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށާއި އެއީ ގާނޫނުއަސާސީއާވެސް ހިލާފު ކަމަކަށް ވެދާނެ ކަމަށް ބުނެފަ އެވެ.
ފެޑަރަލް ގާނޫނު ބުނާގޮތުން އެމެރިކާގެ އޮފިޝަލުންނަށް ގަބޫލުކުރެވޭނީ 480 ޑޮލަރަށްވުރެ ކުޑަ އަގުގެ ހަދިޔާއެކެވެ. ނަމަވެސް ވައިޓް ހައުސްއިން ވަނީ އެކަން ދިފާއުކޮށް ވާހަކަދައްކައިފަ އެވެ.
އެއާ ފޯސް ވަން ފްލީޓުގައި މީގެ ކުރިން ހިމެނެނީ 1990 އިން ފެށިގެން ބޭނުންކުރަމުން އަންނަ 747-200B މަރުކާގެ ދެ ޖެޓެވެ. ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ސްޓީވަން ޗަންގް ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން ބޯޓެއް މިހާރު ވަނީ ބޭނުންކުރުން ހުއްޓާލައިފަ އެވެ.


