ވޯލްޑް
ކަޕް

ސްވިޑެން އަތުން ހޯދި ފަސޭހަ މޮޅާއެކު ނެދަލެންޑްސްއަށް ހަމަޖެހުމެއް 

ނެދަލެންޑްސް އިން ފަސްވަނަ ގޯލަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި ނެދަލެންޑްސް އިން ސްވިޑެން އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގައި ބްރައިން ބްރޮބޭ އާއި ކޯޑީ ގަކްޕޯ، ކޮންމެ ކުޅުންތެރިއެއް ދެ ގޯލު ޖެހިއެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި ކޯޑީ ގަކްޕޯގެ މޮޅު އެސިސްޓަކުން ބްރައިން ބްރޮބޭ ނެދަލެންޑްސްގެ ފުރަތަމަ ގޯލު ޖެހިއެވެ. އޭގެ ފަހުން 17 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަހަކުން ބްރޮބޭ ދެވަނަ ގޯލު ޖަހައި ނެދަލެންޑްސް އިން ލީޑު ފުޅާކުރިއެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން ނެދަލެންޑްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ކޯޑީ ގަކްޕޯ ވަނީ 47 ވަނަ މިނެޓުގައާއި 54 ވަނަ މިނެޓުގައި ދެ ގޯލު ޖަހައި ނަތީޖާ 4-0 އަށް ބަދަލުކޮށްލައިފައެވެ. ސްވިޑެންގެ ފަރާތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެންތަނީ އެލަންގާ 59 ވަނަ މިނެޓުގައި ސްވިޑެންގެ ހަމައެކަނި ގޯލު ޖެހިއެވެ. ނަމަވެސް ނެދަލެންޑްސް އިން 89 ވަނަ މިނެޓުގައި ކްރައިސެންސިއޯ ސަމަވިލް ފަސްވަނަ ގޯލު ޖަހައި މެޗު 5-1 އިން ނިންމާލިއެވެ.

ރޮނަލްޑް ކޫމަންގެ ޓީމު ފުރަތަމަ މެޗުގައި ޖަޕާންއާ ދެކޮޅަށް 2-2 އިން އެއްވަރުވެފައިވީ ނަމަވެސް، މި މެޗުގައި ދެއްކީ ވަރުގަދަ އެޓޭކިން ކުޅުމެކެވެ. މި ނަތީޖާ އާއެކު ނެދަލެންޑްސް ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތް އިރު، ސްވިޑެން ތިން ޕޮއިންޓާއެކު އޮތީ ދެވަނައިގައެވެ. މި ގްރޫޕުގައި މާދަމާ ހެނދުނު 9:00 ގައި ޖަޕާނާއި ޓިއުނީޝިއާ ބައްދަލުކުރާނެއެވެ. ޓިއުނީޝިއާއަށް އަދި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.