ވޯލްޑް
ކަޕް

15 ސޭވްއާއެކު ކީޕަރު ރޫމް ”ހީރޯ“އަކަށް، ކިއުރެސާއޯއަށް ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓު

ކިއުރެސާއޯގެ ކީޕަރު އެލޯއީ ރޫމް -- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އީ“ގައި ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކިއުރެސާއޯ އިން ހައިރާންކުރުވަނިވި ދިފާއީ ކުޅުމެއް ދައްކައި އެކުއެޑޯ 0-0 އިން ހިފެހެއްޓައި ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ.

ވޯލްޑް ކަޕެއްގައި ވާދަކުރި އެންމެ ކުޑަ ގައުމު ކަމުގައިވާ ކިއުރެސާއޯ އިން މި ތާރީހީ ނަތީޖާ ހޯދީ ގޯލްކީޕަރު އެލޯއީ ރޫމްގެ ހަޔާތުގެ އެންމެ މޮޅު ކުޅުމާއެކު އެވެ. ރޫމް ވަނީ 15 ސޭވް ކޮށްފައެވެ. މިއީ އެއް މެޗެއްގެ ސޭވް ރެކޯޑަށް ވުރެ އެންމެ ސޭވެއް މަދު އަދަދެކެވެ. އެއް މެޗެއްގައި އެންމެ ގިނައިން ސޭވް ކުރި ރެކޯޑް އޮންނަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާގެ ޓިމް ހޮވާޑް ބެލްޖިއަމް ކޮޅުން 16 ސޭވް ކޮށްގެންނެވެ. ރޫމްގެ 15 ސޭވަކީ 90 މިނެޓުގެ ވޯލްޑް ކަޕް މެޗެއްގައި މިހާތަނަށް އެންމެ ގިނައިން ކީޕަރަކު ސޭވް ކުރި ފަހަރެވެ.

އެކުއެޑޯ އިން ކިއުރެސާއޯ ގޯލަށް އަމާޒުކޮށް 15 ޝޮޓް ފޮނުވާލިއެވެ. މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް މެޗެއްގައި ގޯލް ނުޖެހި އެންމެ ގިނައިން އޮން ޓާގެޓް ޝޮޓް ފޮނުވާލި ފަހަރެވެ. ޖުމްލަ 28 ޝޮޓް ފޮނުވާލައިގެން ވެސް އެކުއެޑޯއަށް ގޯލެއް ނުޖެހުނެވެ.

މެޗުގައި އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާއަށް މެޗުގެ ކުރީކޮޅާއި ފަހުކޮޅު ލިބުނު ރަނގަޅު ދެ ފުރުސަތު ބޭކާރުވެގެން ދިޔައީ ރޫމްގެ މޮޅު ސޭވަކާއި ޖޫރިއެން ގާރީގެ ޓެކުލަކުންނެވެ.

އެކުއެޑޯ އިން ފުރަތަމަ ހާފުގައި މެޗު ފުރިހަމައަށް ޑޮމިނޭޓް ކުރި ނަމަވެސް ރޫމް އެކަނިމާ އެކަނި ހަ ސޭވްކޮށް ސައުތު އެމެރިކާގެ ޓީމު ހިފެހެއްޓިއެވެ. ދެ ވަނަ ހާފުގައި ވެސް ވާހަކަ ބަދަލެއް ނުވިއެވެ. އެކުއެޑޯގެ ކޯޗު ސެބެސްޓިއާން ބެކަސީސޭ ލިބެން ހުރި ހުރިހާ އެޓޭކިން ކުޅުންތެރިން ވެސް ދަނޑަށް ނެރުނެވެ. ނަމަވެސް ރޫމް އިސްވެ ހުރި ކިއުރެސާއޯގެ ދިފާއީ ފާރު ފޫއަޅުވާ ނުލެވުނެވެ.

މެޗުގެ ކުރީކޮޅު މޮއިސޭސް ކައިސީޑޯގެ ރީތި ބޯޅައަކުން ވެލެންސިއާ އެކަނިމާ އެކަނި ކީޕަރާ ކުރިމަތިލި ނަމަވެސް ރޫމް އެ ހަމަލާ ވެސް ދިފާއު ކުރިއެވެ. އެހެން ނަމަވެސް ކިއުރެސާއޯ އިން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ޖުނީނިއޯ ބަކޫނާ، އެލަން ފްރާންކޯ ކައިރިން ނައްޓާލައި ބޮކްސް ތެރެއަށް ދިން ބޯޅައަކުން ލިވާނޯ ކޮމެނެންސިއާ ފޮނުވާލި ހަމަލާ ހެނާން ގަލީންޑެޒް ދިފާއު ކުރިއެވެ. ރީބައުންޑް ބޯޅައިން ޔާގެން ލޮކާޑިއާ ޖެހި ހަމަލާ ވެސް ގަލީންޑެޒް ސޭވް ކުރިއެވެ.

މި ނަތީޖާއާއެކު އެކުއެޑޯ އިން ނޮކައުޓް ބުރަށް ދާން ބޭނުން ނަމަ ގްރޫޕް ފަހު މެޗުގައި ޖަރުމަނު ބަލިކުރަން ޖެހޭނެއެވެ. ފަހު މެޗުގައި އައިވޮރީ ކޯސްޓް ބަލިކޮށްގެން ކިއުރެސާއޯއަށް ވެސް ފުރުސަތު އެބައޮތެވެ. މިހާތަނަށް ހަ ޕޮއިންޓު ހޯދައިގެން ޖަރުމަނުން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައިވާ އިރު، އައިވޮރީ ކޯސްޓަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެކުއެޑޯ އާއި ކިއުރެސާއޯއަށް، ކޮންމެ ޓީމަކަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.