ވޯލްޑް
ކަޕް

ނޯވޭ ޓީމުން ވޯލްޑް ކަޕަށް ގެންދިޔައީ 300 ކިލޯގެ މަހާއި ޗީޒް 

ނޯވޭއަށް ކާމިޔާބުކޮށްދިން ގޯލަކަށްފަހު ހާލަންޑް އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕްގައި ވާދަކުރާ ނޯވޭގެ ޓީމުން 300 ކިލޯގްރާމަށްވުރެ ގިނަ މަހާއި ޗީޒް އެ ގައުމުން އެމެރިކާއަށް ގެންގޮސްފިއެވެ.

އެމެރިކާގެ ފާސްޓް ފުޑަށް ބަރޯސާވުމުގެ ބަދަލުގައި ކުޅުންތެރިންނަށް ނޯވޭގެ ސަގާފީ ކެއުންތައް ފޯރުކޮށްދިނުމަށްޓަކައި 300 ކިލޯގްރާމަށްވުރެ ގިނަ ”އެޓްލާންޓިކް ސެލްމަން“ އާއި ”ވައިޓް ފިޝް“ ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން ނޯވޭގެ މަޝްހޫރު ބްރައުން ޗީޒް ކަމަށްވާ ”ބްރޫނޯސްޓް“ގެ 116 ކިލޯގްރާމާއި 6000 އޮރެންޖު ވެސް ވަނީ ގެންގޮސްފައެވެ. ފުރަތަމަ މެޗާއި ޖުލައި 19 ގެ ފައިނަލާ ދެމެދު މި ހުރިހާ އޮރެންޖެއް ބޭނުންކުރާ ނަމަ 26 ކުޅުންތެރިންގެ ސްކޮޑުގެ ކޮންމެ ކުޅުންތެރިއަކު ދުވާލަކު ހަތް އޮރެންޖު ކާން ޖެހޭނެއެވެ.

ކެއުމުގައި ކުއްލި ބޮޑެތި ބަދަލުތައް ގެނައުމުން ބަނޑަށް އުނދަގޫވެ ހަޖަމުގެ މައްސަލަ ދިމާވެދާނެ ކަމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި ކުޅުންތެރިންނަށް ދުވާލަކު ހަތަރު ލުއި ކެއުން ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނޯވޭގެ ކެއުންތައް ތައްޔާރުކުރަން އެމެރިކާގައި އިސްކޮށް ހުރީ 35 އަހަރު ވަންދެން ގައުމީ ޓީމާއެކު މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ޝެފް އެރޯން އެސްޕެލަންޑެވެ.

ނޯވޭގެ ބޭސް ކޭމްޕް ހުންނަ ޔޫއެންސީ ގްރީންސްބޮރޯ ހުންނަނީ ނޯވޭގެ ވެރިރަށް އޮސްލޯއާ 4000 މޭލަށްވުރެ ދުރުގައެވެ. ނޯވޭއިން ވޯލްޑް ކަޕް ފެށީ އިރާގު އަތުން 4-1 އިން ހޯދި ފުރިހަމަ މޮޅާއެކުއެވެ. އެ މެޗުގައި މެންޗެސްޓާ ސިޓީގެ ތަރި އާލިން ހާލަންޑް، ދެ ގޯލު ޖެހިއެވެ.

ވޯލްޑް ކަޕްގައި 28 އަހަރަށްފަހު ވާދަކުރާ ނޯވޭ އިން ”ގްރޫޕު އައި“ ގައި ދެން ނުކުންނަން ޖެހޭނީ ސެނެގާލްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ އެވެ. އެއަށްފަހު ގްރޫޕުގެ ފަހު މެޗުގައި ނޯވޭ އިން ނުކުންނާނީ ވަރުގަދަ ފްރާންސްއާ ދެކޮޅަށެވެ.