މާލޭގައި ހުންނަ މަސްޖިދުލް ފުރުގާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
މާލޭގެ މިސްކިތްތައް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ބުނީ، ރޭގެ ވަގުތެއްގައި ދިން އެ ގެއްލުންތަކުގެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ މި ފިނޑި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި މިސްކިތްތަކަށް މިފަދަ ގެއްލުންތައް ދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވައިލައްވައިފަ އެވެ.
މިފަދަ ކަންކަމަކީ މުޖުތަމައުގެ ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއީ ފުރުގާން މިސްކިތަށް ގެއްލުން ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ނޮވެންބަރު 2024 ގައިވެސް ފުރުގާން މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެ އަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެ ތަނަށް އުކާލި އެވެ.


