މޭރީގެ މަރު: ލަމްހާ އާއި މާވިންގެ މައްޗަށް ވެސް ކުށް ސާބިތުވެއްޖެ

މާވިން(ވ) އާއި ލަމްހާ --

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ދައުވާކުރާ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް (މިހާރު ޔޫސުފް) އާއި ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރާން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.

މި ދައުވާތައް ސާބިތުވޭތޯ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ވަކިވަކިން ބޭއްވި ދެ މަޖިލީހުގައި ނިންމާފައިވަނީ ލަމްހާ އާއި މާވިން މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވާ ކަމަށެވެ. ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް އެ ދެ މީހުންނަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހު އެވެ.

މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ 19 އޮކްޓޫބަރު 2021 ގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ އެވެ.

ލަމްހާގެ މައްޗަށް ހުއްދަ ނަގައިގެން ކުރާންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭގެ ބަލައިފާސްކުރި އިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީ އެވެ.