މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ހަދާ ފްލެޓްތައް 2028ގެ މެދު ތެރެއަށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކަށް، އެ ސަރުކާރެއްގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ނިންމައި، އެ ތަންތަނަށް މީހުން ވެއްދިފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ އެކަން ބަދަލުކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.
”ބީއެމްއެލް ހައުސިން ފައިނޭންސްގެ ތެރެއިން ހަވާލުކުރެވިފައިވާ ފްލެޓްތަކުގެ އަމަލީ ފައުންޑޭޝަނާ ހަމައަށް ގޮސްފައި އެހުރީ. ޖުލައި މަސް ތެރޭގައި ގިނަ އިމާރާތްތަކުގެ އަސްލު ކޮންކްރީޓް ފައުންޑޭޝަން އެޅުމުގެ މަސައްކަތް ދާނެ ފެށިގެން. ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި މިތަންތަން ނިންމުމަށް މިވަނީ ތާވަލުކުރެވިފައި. އެހެންވީމާ 2028ގެ މެއި/ ޖޫން/ ޖުލައި ހިސާބުގައި މާލެ ސަރަހައްދުގައި މި އަޅާ ހުރިހާ ފްލެޓެއް ނިންމޭނެ. އެ ޔަގީންކަން އަދިވެސް އެބަ އޮތް،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންވެސްޓާ ފައިނޭންސް އުސޫލުގެ ދަށުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އިތުރު ފްލެޓްތަކެއްގެ މަސައްކަތްވެސް ފެށުމަށް ނިންމާފައިވާ ކަމަށެވެ.


