ދީފައިވާ ތާރީހަށް މަޝްރޫއުތައް ނިންމަން ކޮންމެ މިނިސްޓްރީއެއްގައި ހާއްސަ ޔުނިޓެއް

ސަރުކާރުން އާންމުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:

1. ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި ހަރަކާތްތައް ވިލަރެސްކުރަން ބޭނުންކުރާ ”ދުވެލި“ ޕޯޓަލް އާއި ފިނޭންސް މިނިސްޓްރީގެ ”ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމް (ޕިމްސް)“ ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަޕްޑޭޓްކޮށް، އެއަށްފަހު ވަގުތުން ވަގުތަށް އަޕްޑޭޓް ކުރަމުން ގެންދިއުން.

2. ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެކިއެކި މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި އެކަމަށް ހާއްސަ ޓީމެއް ގާއިމުކުރުން

3. މަޝްރޫއުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ހާއްސަ ޔުނިޓެއް، ކޮންމެ މިނިސްޓްރީއެއްގައި ގާއިމުކުރުން

4. އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހިންގާ މަޝްރޫއުތައް ނިންމަން ދީފައިވާ ތާރީހުތަކަށް ނިންމުމަށްޓަކައި އެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުން.

ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކޮށް، އެ ހިދުމަތް ފެއްޓެވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް، ހާއްސަ އިސްކަމެއް ދީގެން ކުރުމަށާއި މާލެއެކޭ އެއްގޮތަށް، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްގީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބުތަކުންކަމުގައި ވެސް ނިންމި އެވެ.