ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ހުރިހާ ބޭސްފިހާރައެއް ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ ދަށަށް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.
ސްޓޭޓްފާމާ އިން ބުނީ، އަލަށް ގެނެވުނު ބަދަލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ބޭހުގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ ކަމާއެކު ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށާއި އެއީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
ނަމަވެސް މި ބަދަލުތައް ތަންފީޒުކުރަމުން އަންނަ ދަނޑިވަޅުގައި، ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފަ އެވެ. އަދި ހިދުމަތާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން ކުންފުނީގެ ހޮޓްލައިން ނަންބަރު 1505 މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ލިބޭނެ ކަމަށް ސްޓޭޓްފާމާ އިން ބުންޏެވެ
ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ސަރުކާރު ކުންފުންޏެއް އުފެއްދީ 9 ސެޕްޓެމްބަރު 2025 ގައެވެ.
އެ ކުންފުނިން ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އެ ކުންފުނީގެ ފުރަތަމަ ބޭސްފިހާރަ ހުޅުވައިފަ އެވެ.


