ޕާޓީ ބަދަލުކުރި މައްސަލާގައި ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ!

ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު ---

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ، އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލުގެ ރައީސް ކަމަށް ޝުޖާއު ވާދަކުރައްވައި، އިންތިހާބުވީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. ނަމަވެސް ކައުންސިލްގެ ދައުރު ފެށުނު ފަހުން ޝުޖާއު ވަނީ އެމްޑީޕީއަށް ބަދަލުވެފަ އެވެ.

އެ މައްސަލާގައި ޝުޖާއު މީޑިއާއަކަށް ވިދާޅުވި ގޮތުގައި އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެ ޕާޓީ ހިންގާ ފަރާތްތަކަށް އެންގުމުންނެވެ.

ނަމަވެސް އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނު ފަހުން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ޝުޖާއު މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރު ވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާތީ، ތިނަދޫ ކައުންސިލް ރައީސްގެ މަގާމުން ޝުޖާއު ވަކިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ، އެ ގޮނޑި މިހާރު ހުސްވެފައިވާކަން އީސީއަށް އަންގަން މިދިޔަ އަންގާރަ ދުވަހު އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެ މައްސަލާގައި ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމިއިރު، އެލްޖީއޭ އިން ވަކިގޮތެއް ނިންމަންދެން މިދިޔަ މަހުގެ ކުރިީކޮޅުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ކައުންސިލް ހިންގުން ނައިބު ރައީސްއާ އޮތީ ހަވާލުކޮށްފަ އެވެ.