ދީނީ ދައުވަތުތައް ދިނުމާއި އިޖުތިމާއީ މަސައްކަތް ކުރުމުގެ އިތުރުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ”މަންފާ“ އިން ނަމާދު އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.
”ބަންގި“ ނަމުގައި މި އެޕް ލޯންޗުކުރީ މަންފާ އެކަޑަމީ ރަސްމީކޮށް އިފުތިތާހު ކުރުމަށް ރޭ ޣިޔާސުއްދީން ސްކޫލް ހޯލުގައި ބޭއްވި ހަފުލާއެއްގައެވެ.
”އައްްތިބްޔާން“ އިން ޑިވެލޮޕްކުރި މި އެޕަކީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވެސް މައުލޫމާތު ހިމެނޭ އެޕެކެވެ. މި އެޕުން ނަމާދުގައި ކިޔާ ޒިކުރުތަކާއި ދުއާތަކާއި އެ ދުއާތަކާއި ޒިކުރުތަކުގެ މާނަ ދެ ބަހުން ހިމަނާފައިވެ އެވެ.
އަދި ކޮންމެ ގައުމެއްގައި ހުރެގެން ވެސް އެ ގައުމެއްގެ ނަމާދު ވަގުތު ބަލާލެވި، އެ ތަނެއްގެ ގިބުލަ ދައްކައިދޭނެ އެވެ.
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭއިރު، ”ބަންގި“ އެޕްލިކޭޝަންގައި ހިޖުރީ ތާރީހު އިރުއޮއްސުމާއެކު ބަދަލުވާނެ އެވެ.


